މިއަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ވަނީ ޚާއްޞަ ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ނިންމައިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މުބާރާތް ކުރިޔަށްދާނީ ތިން ކެޓަގަރީއެއްގެ މައްޗަށެވެ. އެއީ ވައިލްޑްލައިފް، އޭރިއަލް ޑްރޯން އަދި ދިރޭތަކެތީގެ ހެބިޓެޓް ކެޓަގަރީއެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ ފާއިތުވި 2 އަހަރުގެ ތެރޭގައި ނަގާފައިވާ، އަދި ކުރިން އެއްވެސް މުބާރާތަކަށް ހުށަހަޅާފައިނުވާ ފޮޓޯތަކަށް ވާންޖެހޭނެއެވެ.
މުބާރާތުގައި ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯ އާޓް އެގްޒިބިޝަނެއްގެ ގޮތުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ފޮޓޯތައް ވަޒަންކުރާނީ ޚާއްޞަ ޖަޖުންގެ ކޮމިޓީއަކުން ކަމަށާއި، އެންމެ މޮޅު ފޮޓޯ ހޮވުމުގައި ބަލާނީ ފޮޓޯގެ ކޮލިޓީއާއި އޭގައި ހިމެނިފައިވާ ވާހަކައަށް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން، އެ ފަރާތްތަކުގެ މަސައްކަތް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެއެވެ. އަދި މި ފޮޓޯތައް ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ބޭނުންކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހެވެ. މުބާރާތުގެ ޤަވާޢިދާއި، މާކްސް ދެވޭނެ ގޮތް އަދި ފޮޓޯ ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

