ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީއިން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފި އެވެ.
އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި އެމަނިކުފާނަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ ކަމަށެވެ.
އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، ފަނޑިޔާރު އަޒްމިރަލްދާއަށް ވެސް އިންސާފުވެރި ގޮތެއްގައި މައްސަލަ ބެލުމަށްޓަކައި، އެ ކޮމިޓީން އިސްތިއުފާ ދެއްވުމަށް ނިންމެވީއެވެ.
ޖޭއެސްސީން މި ކޮމިޓީ އެކުލަވާލާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމަށެވެ. އެޓާނީ ޖެނެރަލްގެ އިސްތިއުފާއާ ގުޅިގެން ކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ޖޭއެސްސީން އަދި އެއްވެސް އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވަނީ ކުރީ ސަރުކާރުގެ ފަސް އަހަރު ޖޭއެސްސީން ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކާއި މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް އާންމު ކުރައްވާފައެވެ.
އެ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2018 ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވެއެވެ. އޭގެތެރޭގައި 8 ފަނޑިޔާރުން މަޤާމުން ވަކިކޮށް 3 ފަނޑިޔާރެއްގެ މަޤާމު ދަށްކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވެއެވެ.
ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް
ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023ގެ ނިޔަލަށް
މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު – 08
ސަސްޕެންޑުކުރި ފަނޑިޔާރުންގެ އަދަދު – 12
މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު – 3
ސްލޫކީ މައްސަލަތައް ސާބިތުވިކަމަށް ކަނޑައަޅައި ނަސޭހަތްދިން ފަނޑިޔާރުންގެ އަދަދު – 33
ޖުމްލަ – 56
ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ފަނޑިޔާރުންނަށް އަޅާފައިވަނީ 5 ފިޔަވަޅެކެވެ. އެއީ 3 ފަނޑިޔާރަކު ސަސްޕެންޑުކޮށް ފަނޑިޔާރުންނާ ގުޅޭ ސްލޫކީ މައްސަލަބަލައި ނެސޭހަތްދިނުމުގެ 2 މައްސަލައެވެ.

