ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މުޖްތަމަޢު ފަސާދަކުރަން އުޅޭ ފަރާތްތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއްގައި އެމަނިކުފާނާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ހަގީގަތާ ޚިލާފު ވާހަކަތަކަކާ ގުޅިގެން ވާހަކަދައްކަވަމުން، ގާސިމް ވިދާޅުވީ ރޯޔަލް އައިލެންޑްގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ބައްދަލުކުރެއްވި ކަމަށް ބުނެ ޝާއިޢުކޮށްފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
“މި އާޓިކަލްގައި ހަގީގަތް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ވަޑައިގެން އަޅުގަނޑާއި، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑްގައި ބައްދަލުކުރި ކަމަށް ލިޔެފައި ވުމެވެ،” ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް ރޯޔަލް އައިލެންޑަށް ވަޑައިނުގަންނަވާތާ މިހާރު 3 އަހަރު ވެއްޖެ ކަމަށެވެ. އެންމެ ފަހުން އެ ރިސޯޓަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ށ. އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ކުރެއްވި ދަތުރެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިފަދަ ލިޔުންތައް ލިޔެ ޝާއިޢުކުރާ މީހުންނަކީ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި ތަކުރާރުކޮށް އެފަދަ ޢަމަލުތައް ހިންގާ ބައެއް ކަމަށެވެ.

