އަންހެނުންގެ ދުވަސް: ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހަކީ މާރިޗު މަހުގެ 8 ވަނަ ދުވަހެވެ. މިދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތަކަށް ބާރުއަޅައި، އެބައިމީހުންގެ ކާމިޔާބީތައް ފާހަގަކުރާ ދުވަހެކެވެ. މިދުވަހުގެ ތާރީޚީ ފެށުން އައިސްފައިވަނީ 1917 ވަނަ އަހަރު ރަޝިޔާގެ އަންހެނުން “ބްރެޑް އެންޑް ޕީސް” އަށް ގޮވާލައި ކުރި މުޒާހަރާއާ ގުޅިގެންނެވެ.
1917 ވަނަ އަހަރުގެ މާޗް 8 ވަނަ ދުވަހު ރަޝިޔާގެ އަންހެނުން “ބްރެޑް އެންޑް ޕީސް” އަށް ގޮވާލައި ކުރި މުޒާހަރާގެ ސަބަބުން، 4 ދުވަހުގެ ތެރޭގައި އެވަގުތުގެ ރަޝިޔާގެ އެމްޕަރަރ ސާ ނިކޮލަސް 2 އިސްތިއުފާ ދޭން ޖެހުނެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ރަޝިޔާގެ އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެން ދިޔައެވެ. މި ތާރީޚީ ދުވަސް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.
ނަމަވެސް އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރެވުނީ މީގެ އެތައް އަހަރެއް ކުރިން، 1909 ވަނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާގައެވެ. މިއީ 1908 ވަނަ އަހަރު ނިއުޔޯކުގެ އަންހެނުން މަސައްކަތުގެ ޝަރުތުތަކާ ދެކޮޅަށް ކުރި މުޒާހަރާގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރެވުނު ދުވަހެކެވެ
އަންހެނުންގެ ދައުރުގެ މުހިންމުކަން: މުޖުތަމަޢެއްގައި އަންހެނުންގެ ދައުރު އޮތީ ހަމައެކަނި ގޭތެރޭގެ މަސައްކަތްތަކަށް ހަނިވެފައެއް ނޫނެވެ. އޭގެ ބަދަލުގައި ގޭގެ އޮޅިގަނޑުން ފެށިގެން ގޭގެ ތިޖޫރީއާ ހަމައަށްވެސް އޮތީ އަންހެނުންގެ ދައުރެވެ. އަންހެނުންނަކީ އުފެދުމުގެ އަސްލުކަމަށް ވުމާއެކު، އެކަމަށް ފަޚުރުވެރިވާ ފިރިހެނުން ވެސް މިހާރު ގިނައެވެ.
މަސައްކަތުގެ މައިދާނުގައި އަންހެނުން: މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަންހެނުން އަދާކުރަމުންދާ ދައުރު ވަރަށް ފުޅާވެފައިވެއެވެ. ނަރުހުންގެ ގޮތުގައާއި، މުދައްރިސުންގެ ގޮތުގައާއި، ކައުންސެލަރުންގެ ގޮތުގައި އަދި އެހެނިހެން މުހިންމު ދާއިރާތަކުގައި އަންހެނުން އިސްކޮށް މަސައްކަތްކުރަމުން ދެއެވެ. މިކަމަކީ މުޖުތަމަޢުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
އަންހެނުންގެ ބާރުވެރިކަން: އަންހެނުންގެ ދުވަހުގެ ނިޝާނަކީ ރީނދޫ މައިމޯސާ މަލެވެ. މިމަލުން ދޭހަކޮށްދެނީ އަންހެނުންގެ ނުފޫޒާއި ބާރުވެރިކަމެވެ. އަންހެނުންނަކީ އެބައިމީހުންގެ ދާއިރާގައި ވަރުގަދަ ނުފޫޒެއް ފޯރުވޭ ބައެކެވެ. އެބައިމީހުންގެ އެންމެ މުހިންމު ސިފައަކީ އަމިއްލަ އަބުރާއި ގަދަރު ހިފެހެއްޓުމާއި، ނަފުސަށް އޮންނަ އިތުބާރާއެކު ކުރިއަށް ދިއުމެވެ.
ހަމަހަމަކަމަށް އަންނަމުންދާ ބަދަލު: މިހާރަކަށް އައިސް އަންހެނުންނަށް ކުރެވެމުންދިޔަ ތަފާތުކުރުންތައް ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. އަންހެނުންނަށް ދެވޭ ގަދަރު ކުޑަކަމަށް ދަޢުވާކުރާ މީހުންގެ ޖާހިލު ވިސްނުން ވަނީ ނައްތާލެވިފައެވެ. މިއަދު އަންހެނުންނަށް ލިބިފައިވާ ޙައްޤުތަކާއި ފުރުޞަތުތައް އިތުރުވެ، އެބައިމީހުންގެ ބާރުވެރިކަން އިތުރުވެފައިވެއެވެ.
އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އެބައިމީހުންގެ ކުރިއެރުމަށް މަގުފަހިކުރުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ. އަންހެނުންގެ ބާރުވެރިކަމާއި ކާމިޔާބީއަކީ މުޅި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ މަގެވެ.
2025 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް: އެންމެހާ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް:
“އެންމެހާ އަންހެނުންނާއި އަންހެން ކުދިންނަށް: ޙައްޤުތައް، ހަމަހަމަކަން، ބާރުވެރިކަން،” 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރު
މި ޝިޢާރުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމެވެ.
2025 ގެ އަންހެނުންގެ ދުވަހުގެ ކުލަތައް
2025 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މައިގަނޑު ކުލައަކީ ޕަރޕަލް ކުލަ އެވެ. ދަނބު ކުލަ؛ ކުލައަކީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ކުލައެވެ. މި ކުލައިގެ ހެދުން ލައިގެން ތިބުމަކީ އަންހެނުންގެ ޙައްޤުތަކަށް ތާއީދުކުރާކަން ދައްކުވައިދޭ ކަމެކެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިއުފާވެރި ދުވަހުގައި، ހުވަދޫމީޑިއާޓީމުގެ ހުރިހާ ދިވެހި އަންހެނުންނަށް ހޫނު ތަހުނިޔާއަކާއި މަރުހަބާއެއް ދަންނަވަމެވެ.

