އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވި ގޮތުގައި ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ އަދި މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މުޖްތަމަޢެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރި އަރާނީ، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައެވެ.
“ދިވެހި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖްމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއިއެކު އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުމެވެ،” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހި ތާރީޚުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ޤައުމީ އަދި އިޖްތިމާޢީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުރެއެވެ. އަދި ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންނެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވި ގޮތ ގޮތުގައި ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންނެވެ. އަދި ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނައެވެ.
“އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާ ހިނދު، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮ ގޮތުގައި ކަނޑައަޅައިދީ، މުޖްމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަޤާމް މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީނެވެ،” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ޚިޠާބު ގައި ވިދާޅުވީ، “އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލލަކަށް އުނގަންނައިދިނުން،” ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަމަށެވެށެވެ. އަދި ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރީންކަން ފާހަގަކުރެއްވިއެވެ. މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްގެ ގޮތުގައި ރައީސް ޑރ މުޢިއްޒު ސިފަކުރެއްވިއެވެ.
ރައީސް ޑރ މުޢިއްޒު އިތުރަށް ހަނދާންކޮށްދެއްވީ، އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، އަދި ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަމެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުން ކަމުގައިވެސް ވިދާޅުވިއެވެ.
މި ޚިޠާބުގައި ރައީސް މުޢިއްޒު ވަނީ މުއުމިނުތަކުންގެ މައިކަނބަލުން ކަމުގައިވި، ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ބައެއް ޚިދުމަތްފުޅުތައްވެސް ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށެވެ. އަދި ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

