މާލޭގެ މަގުތަކުގެ ކާނުތަކުން ފެން ހިންދުން ލަސްވާތީ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފެށީ މިއަދު ހެނދުނު މަޖީދީ މަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
މި މަސައްކަތް ފެށުމަށްފަހު އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ބައްލަވާލެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެގެން ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ވުޒާރާގެ ޕަބްލިކް ވާރކްސް ޔުނިޓުގެ މުވައްޒަފުން ކުރަން ޖެހެއެވެ.
ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ލަފާގެ މަތިން، އެކި އިދާރާތަކުން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

