އައްޑޫ ސިޓީގެ ފޭދޫގައި 45 ރޫމުގެ ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބީލަމަށް ހުޅުވާލައިފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމަކީވެސް މި މަޝްރޫޢުގެ މުހިންމު މަޤްޞަދެކެވެ.
މި ހޮޓާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ ދިގިހެރަ ޓޫރިޒަމް ޒޯން (އެސް 4) ގައެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ސިޓީ ހޮޓާ އެޅުމަށް ހަމަޖެހިފައިވާ 16,000 އަކަފޫޓުގެ ބިން އޮންނަނީ ފޭދޫގެ ހުޅަނގު ފަރާތުން އަލަށް ހިއްކާފައިވާ ސަރަހައްދުގައި، ސަވާހެލި ރަށާ ދިމާލުގައެވެ. މި ސަރަހައްދު އޮންނަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓާ ވަރަށް ކައިރިން، އެއަރޕޯޓުން 2 ކިލޯމީޓަރު ދުރުގައެވެ.
ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަށެވެ. އަދި މި ސަރަހައްދުގައިވާ 3.2 ހެކްޓަރުގެ ގޮނޑުދޮށާ ގުޅިފައިވާ ބިން ކަނޑައެޅިފައިވަނީ ގެސްޓްހައުސްތަކާއި ހޮޓާތައް ތަރައްޤީކުރުމަށެވެ.
މި ހޮޓާ ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 9 ވަނަ ދުވަހުން 19 ވަނަ ދުވަހާ ހަމައަށް، ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު، އިތުރު މަޢުލޫމާތު ހޯދުމަށާއި ބީލަން ފޮތް ބެލުމަށް ކައުންސިލް އޮފީހަށް ވަޑައިގެންނެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

