ރޯދަމަހުގެ ދުވާލު މާލޭގެ މަގުމަތީގައި ސިނގިރެޓް ބޯން މަސައްކަތްކުރި 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނީ ލިލީގެ/ގދ.ވާދޫ މުހައްމަދު ސަބާޙެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:40 ހާއިރު، މަގުމަތީގައި ހުރެ ސިނގިރެޓް ރޯކުރަން އުޅެނިކޮށް ހައްޔަރުކުރެވުނު މިފިރިހެނާ، މާފަންނު ޕޮލިސް ސްޓޭޝަނުގެ ހޯލްޑިންގ ރޫމަށް ގެންދިއުމުން، އެތަނުގައި ހުރި ގޮނޑީގެ އަތްގަނޑުގެ އިސްކުރު ނައްޓައި، އަދި ދޮރުގެ ތަޅަށް ގެއްލުންދީފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.މިއީ އޭނާ މިހާތަނަށް ހައްޔަރުކުރެވުނު 26 ވަނަ ފަހަރެވެ.
ރޯދަމަހުގެ ދުވާލުގައި މީހުން އުޅޭ ތަންތަނުގައި ކައިބޮއި ހެދުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. މިފަދަ ޢަމަލުތަކަށް ޤާނޫނުގައި ކަނޑައެޅިފައިވަނީ ޖޫރިމަނާ އާއި ޖަލު ޙުކުމެވެ.

