25 އަހަރު ކުރިން ނިއު ހޭވަންއިން ވަގަށްނެގި ކުޑަކުއްޖެއް މެކްސިކޯއިން ހޯދައިފިއެވެ.
ނިއު ހޭވަން ފުލުސް ޑިޕާޓްމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެންޑްރެއާ މިޝެލް ރެއެސް ވަގަށްނަގާފައިވަނީ އޭނާގެ މަންމަ، ރޯސާ ޓެނޯރިއޯއެވެ. ރޯސާއަކީ އެންޑްރެއާގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތެއް ނޫނެވެ. މިކަން ހިނގާފައިވަނީ 1999 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭރު އެންޑްރެއާގެ އުމުރަކީ ގާތްގަނޑަކަށް 2 އަހަރެވެ.
“ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާ ގުޅިގެން މަސައްކަތްކޮށް، ރޯސާ ހައްޔަރުކުރުމަށް ފެލޮނީ އެރެސްޓް ވޮރަންޓެއް ނެރެވުނެވެ.އޭރު ޝައްކުކުރެވުނީ އޭނާ އެންޑްރެއާ ގޮވައިގެން މެކްސިކޯއަށް ފިލައިގެން ދިޔަ ކަމަށެވެ.
“އެންޑްރެއާގެ ބައްޕަ އަމިއްލައަށް އެތައް ފަހަރެއްގެ މަތިން މެކްސިކޯއަށް ގޮސް އެތާނގައި އޭނާގެ ދަރިފުޅު ހޯދަން މަސައްކަތްކުރި ނަމަވެސް، ރޯސާ އާއި އޭނާގެ ދަރިފުޅާ ބައްދަލެއް ނުވެއެވެ.” ” ފުލުހުން ބަޔާނުގައި ބުނެފައިވެއެވެ.
ނެޝަނަލް ސެންޓަރ ފޮރ މިސިންގ އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރަން އިން އެންޑްރެއާ އާ ބެހޭޮގޮތުން ޕޯސްޓެއް ނެރުނެވެ. މި ޕޯސްޓުގައި އޭނާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން އޭނާގެ އުމުރު 22 އަހަރަށް ބަދަލުކޮށްފައިވާ ފޮޓޯއެއް ހިމަނާފައިވާއިރު، އެ ސެންޓަރުން ބުނެފައިވާ ގޮތުގައި އެ ކުޑަ އަންހެން ކުއްޖާގެ ނިތްކުރީގައި އުފަންވީއްސުރެ ފާހަގައެއް ހުރެއެވެ. އަދި އޭނާގެ އެއްް ލޮލަކީ ލޭޒީ ލޮލެކެވެ. އަދި އޭނާއަށް ޞިއްޙީ ފަރުވާ ބޭނުންވެދާނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެންޑްރެއާގެ މައްސަލަ 2023 ވަނަ އަހަރާއި ހަމައަށް ހުއްޓިފައި އޮތުމަށްފަހު، 2023 ވަނަ އަހަރު ނިއު ހޭވަން ފުލުސް ޑިޕާޓްމަންޓުގެ ސްޕެޝަލް ވިކްޓިމްސް ޔުނިޓުގެ ޑިޓެކްޓިވް ކީލިން ނިވަކޮފް އެ މައްސަލަ އަލުން ތަޙުޤީޤުކުރަން ފެށިއެވެ.
އިންޓަވިއުތަކާއި، ސާރޗް ވޯރަންޓްތަކާއި އަދި ސޯޝަލް މީޑިއާ ބޭނުންކޮށްގެން، މިހާރު 27 އަހަރުގެ އެންޑްރެއާ ގޮވައިގެން އޭނާގެ މަންމަ ރޯސާ މެކްސިކޯއަށް ގޮސް، އެއް މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޕުއެބްލާ ސިޓީގައި ދިރިއުޅެެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޑީއެންއޭ ޓެސްޓުކުރާ ކުންފުންޏެއް ކަމުގައިވާ އޮތްރަމްއާ ގުޅިގެން، ބައްޕައާއި ދަރިފުޅުގެ ގުޅުން ކަށަވަރުކުރެވުނުކަމަށް ފުލުހުން ބުނެފައިވާއިރު، ފުލުހުން އެންޑްރިއާގެ ބައްޕަގެ ވަނަވަރު ކާކުކަން ހާމަކޮށްފައެއް ނުވެއެވެ

