ހުޅުމާލެ ގެއަކުން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެނެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
މިފަހަކަށް އައިސް މަސްތުވާތަކެތީގެ އަވައިގައި ޖެހޭ ޒުވާނުންގެ އަދަދު ގިނަވެ، ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާ މަންޒަރު ފެނުން އާންމުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދެއެވެ.

