މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށް މިފްކޯގެ އައު ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު ވިދާޅުވެއްޖެއެވެ.
ފަރުޙަތު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައެވެ. މިފްކޯގެ ސީއީއޯކަމަށް ފަރުޙަތު އައްޔަން ކުރެއްވީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ފަރުޙަތު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްެހެއްޓެނިވި ތަރައްޤީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މި ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ. ވަރަށް ޓަފް ޑިސިޝަންތަކެއް އަޅުގަނޑުމެން ނަގަން ޖެހޭނީ. އެކަންކަން ކުރެވިއްޖެ ކަމަށްވަންޏާ ﷲ އިރާދަފުޅާއެކު މިކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް،" ފަރުޙަތު ވިދާޅުވިއެވެ.
ފަރުޙަތަކީ ދިވެހި ޤައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ ވަނީ 1986 ވަނަ އަހަރުން ފެށިގެން ދިވެހި ޤައުމީ ދިފާޢީ ބާރުގައި އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައެވެ. 2012 ވަނަ އަހަރު ރިޓަޔަރވިއިރު، ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.
އޭގެ ފަހުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ބޯޑުގެ ޗެއަރމަންކަން ކުރައްވާފައިވެއެވެ. އަދި 2014 އިން 2018 އަށް އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމު ފުރުއްވާފައިވެއެވެ. އެ މުއްދަތުގައި އައިޖީއެމްއެޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.

