ގެމަނަފުށި ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތުގެ ގްރޫޕް އޭގެ 2 ވަނަ މެޗުގައި ބަރާސީލު އަތުން އަތިރީ އެސްސީ ފަސޭހަ މޮޅެއް ހޯދިއިރު އެންމެ ފަހުގެ ޗެމްޕިއަން ހުޓިކޮޑާ ގެ މައްޗަށް ރެމްޕޭޖުން ކުރިހޯދައިފިއެވެ.
ގްރޫޕް އޭގައި ދެ މެޗް މިހާތަނަށް ކުޅެފައިވާ އިރު، ބަރާސީލުން ވަނީ 1 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުގައި އެއްވަނައިގައި އޮތީ ކުޅުނު ފުރަތަމަ މެޗުން މޮޅުވި އަތިރީ އެސްސީއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމްގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު އަތިރީ އެސްސީގެ ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ. މެޗުގެ ދެވަނަ ހާފުގައި ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މެޗު ނިމިގެން ދިޔައީ 2-1 އިން އަތިރީ އެސްސީ މޮޅު ވެގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަތިރީ އެސްސީގެ ޖާޒީ ނަންބަރު 17 ހުސެއިން ފަނީޒް އެވެ.
މިރޭގެ ދެވަނަ މެޗުގައި ގްރޫޕް ބީގެ އެންމެ އެންމެ ފަހުގެ ޗެމްޕިއަން ހުޓިކޮޑާ ވާދަކުރީ ރަށުން ބޭރު ގއ ކޮނޑޭ ރެމްޕޭޖާއި އެވެ. މެޗު ފަށައިގެން ޑޮމިނޭޓު ކުރަމުން ދިޔައީ ހުޓިކޮޑާއެވެ. ކައުންޓާގައި ރަނގަޅު އެޓޭކްތަކެއް ހުޓިކޮޑާއިން ދެމުން ދިޔައެވެ. މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 4 ޖަމްބެއެވެ. މިއީ ފަހަތުން ލިބުނު ބޯޅައެއްގައި ރެމްޕޭޖުގެ ހުރިހާ ކުޅުންތެރިން ކައިރިން ނައްޓައި ޖަމްބެ ޖެހި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމް އެއްވަރު ވެގެންނެވެ. ރެމްޕޭޖުގެ ގޯލު ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 30 ނާޝިދު އެވެ.
މެޗުގެ ދެވަނަ ހާފްގައި ދެޓީމްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ ކުޅުމެކެވެ. ފުލުފުލުގައި ދެޓީމްވެސް ދިޔައީ ނުރައްކާތެރި ހަމަލާތައް އަމާޒުކުރަމުންނެވެ. މެޗް ނިމިގެން 4-3 އިން ރެމްޕޭޖް މޮޅު ވެގެންނެވެ. މި މެޗުން މޮޅުވެ ލިބުނު 3 ޕޮއިންޓާއި އެކު މި ގްރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ ރެމްޕޭޖެވެ. މިއީ މި ދެޓީމް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެމްޕޭޖުގެ ޖާޒީ ނަންބަރު 30 އަހުމަދު ނާހިދެވެ. ނާހިދު ވަނީ މި މެޗުގައި 3 ގޯލު ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގައި މާދަމާ ރޭ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ވާދަ ކުރާނީ ގްރޫޕް އޭގެ ލަނޑާ އެފްސީ އަދި އަތިރި އެސްސީ އެވެ. ދެވަނަ މެޗުގައި އެފްސީ ހެރަހަ ގަލާ އަދި ގއ ކޮނޑޭ ރެމްޕޭޖާއި ދެކޮޅަށެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ވެޓަރަންސް މުބާރާތަކީ ގއ އަތޮޅުގައި ބާއްވާ މިފަދަ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގައި 7 ޓީމަކުން ވާދަކުރާއިރު ރަށުން ބޭރުން ގއ ކޮނޑޭ ވެޓަރަންސް ޓީމް ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

