ހއ. ބާރަށުގެ ފުއްޓަރު ފަރާތަށް ލައްގާފައި ހުރި ބޮނޑި ބޮނޑިއަށް ބަނދެފައިވާ ފަތްތަކަކީ މަސްތުވާތަކެތި ކަމަށް ނުބެލެވޭ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނެފިއެވެ.
މިއަދު ހަވީރު 4:15 ހާއިރު ބާރަށު ފުއްޓަރު ފަރާތުން ގިނަ އަދަދެއްގެ ޕެކެޖްތަކެއް ފެނުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލައިފައެވެ. ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ “މިހާތަނަށް ބެލި ބެލުމުން އެއީ މަސްތުވާ ޒާތުގެ އެއްޗެއް ކަމަށް ނުބެލެވޭ” ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވިނަމަވެސް، މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ބެލެވެއެވެ. އަދި އެ ޕެކެޖްތަކަކީ ކޮން އެއްޗެއްކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށްތަކަށް ގޮތް ނޭނގޭ ޒާތުގެ ޕެކެޖްތައް ލައްގާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. މީގެތެރޭގައި ބައެއް ފަހަރު މަސްތުވާތަކެތިވެސް ހިމެނޭއިރު، މިފަދަ ޕެކެޖްތައް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

