އަންނަ އަންގާރަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ބަހާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިކަން މިގޮތަށް ހަމަޖެއްސެވި ކަމަށް ވަޒީރު ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާތީއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރައިން މަސްދަޅު ކޭސް ދޫކުރާނީ އެ ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކުގައެވެ. ނަމަވެސް މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރި ކަމުގައިވިޔަސް ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ.
މިހާރު މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ރޭގަނޑު 8:00 އިން 12:00 އަށެވެ. އަދި ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން މި މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މަސްދަޅު ކޭސް ބަލައިގަތުމަށް ދާއިރު އައިޑީކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެންދިއުމަށް ވަނީ އަންގަވާފައެވެ. އަދި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރާނީ ކަރަންޓު 3 މީޓަރަށް 3 ކޭސް މަސްދަޅެވެ.

