ސަރުކާރުން މިއަހަރު ދޭ ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް މާލެ ސަރަހައްދުގެ 48،000 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދީފި އެވެ. މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި މިރޭ އަދި މާދަމާރޭ ވެސް މިހާރު ކަނޑައަޅާފައިވާ 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދާނެއެވެ. ނަމަވެސް، 11 މާޗް އިން ފެށިގެން ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުންނެވެ. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރައިން މި ޚިދުމަތް ލިބެން ހުންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަދަލުވި ނަމަވެސް، ދޫކުރުން ކުރިއަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މި ޕްރޮގްރާމް ކުރިއަށްދާނެ،" ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ވީއްލުމަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ރޯދަ ހަދިޔާ ބަހަމުންދާއިރު ރަށްރަށު ކައުންސިލުން ދަނީ ގޭބިސީތަކަށް ޒިޔާރަތްކޮށް މަސްދަޅު ކޭސް ބަހަމުންނެވެ. މިގޮތަށް ކަންތައް ކުރުމަށް ސަރުކާރުން ނިންމީ ރައްޔިތުންނަށް ލުއިފަސޭހަ ކުރުމަށްޓަކައެވެ. އަމާޒަކީ މި ހިނގާ މާޗް މަހުގެ 10 ގެ ނިޔަލަށް ރޯދަ ހަދިޔާ ބަހައި ނިންމުންިންމުން ކަމަށް ވަޒީރު އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.

