މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މީޑިއާ ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައެވެ.
މި މަޤާމަށް ހުޅުވާލީ އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހުސައިން މުހައްމަދު މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ގއ. ވިލިނގިލި ދާއިރާގެ އެމްޑީޕީގެ ރައީސްގެ މަޤާމަށް އިންތިޚާބުވުމާ ގުޅިގެންނެވެ. މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ދައުރަކީ ދެ އަހަރު ދުވަހެވެ.
އެމްއެމްސީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ޕީޑީއެފް ފޯމެޓަށް ބަދަލުކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެމްއެމްސީން ވަނީ އަންގާފައެވެ. މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް އިންތިޚާބުކުރާނީ މީޑިއާތަކުގެ މެދުގައި ބާއްވާ ވޯޓަކުންނެވެ.

