ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅު ދާރުލްއާސާރަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ތާރީޚާއި ސަގާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު އާދަމް ނަޞީރު ވިދާޅުވީ މި މަޝްރޫޢުގެ ކުރެހުންތައް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ސަގާފީ ކަންކަމާއި ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ނަޞީރު އިތުރަށް ވިދާޅުވީ، އުތީމު، ތަކަންދޫ އަދި ބާރަށުގައި ހުރި ތަރިކައިގެ ތަންތަން ޒަމާނީ ގޮތަށް ތަރައްގީ ކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގައި ވަނީ އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، އުސްގެކޮޅު މިއުޒިއަމަކަށް ބަދަލުކުރާއިރު ސަލްޓަން ޕާކުގެ ބައެއް ވެސް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކަޅުވަކަރު މިސްކިތާއި ކަޅުއޮށްފުންމި ނަކަލު ބާއްވާފައިވާ ސަރަހައްދު ވެސް މިއުޒިއަމްގެ ބައެއްގެ ގޮތުގައި ހިމެނޭނެ،” ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.
އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްޠާން މުޙައްމަދު އިމާދުއްދީން ހަވަނަ މިޞްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް، އެ ރަސްކަން ނިމުމަކަށް އައުމާއެކު، ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.

