ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ކިއުބާގައި މެޑިސިންގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހެދުމަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތަކީ 25 އަހަރު ނުފުރޭ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.
މިނިސްޓްރީއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ސްކޮލަރޝިޕްގެ ދަށުން ހޮވޭ ދަރިވަރުން ކިއުބާއަށް ފުރާނީ މި އަހަރުގެ އޮގަސްޓް މަހުގައެވެ. އަދި ކޯސް ފެށުމުގެ ކުރިން ސްޕެނިޝް ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ ކިއުބާ ސަރުކާރުން ކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ. ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން، ކޯސް ނިންމުމަށްފަހު ރާއްޖެއަށް އެނބުރި އައިސް ވަކި މުއްދަތަކަށް ޚިދުމަތްކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވައެވެ.
މިނިސްޓްރީން ވަނީ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުރި އިތުރު މަޢުލޫމާތު ބައްލަވައި، ސުންގަޑިއަށް ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އިރުޝާދު ދެއްވާފައެވެ.

