ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެ ދާއިރާގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން ލާޒިމްކުރެއެވެ.
މިވަގުތު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ 7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާކަމަށް ޖޭއެސްސީއަށް އެންގުމާ ގުޅިގެން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު މިވަގުތު ވަނީ ސަސްޕެންޑް ކުރެވިފައެވެ.

