ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 80،000 ލީޓަރުގެ ދެ ޓޭންކު ޤާއިމްކުރެވޭނެއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވިގޮތުގައި، މި ޓޭންކުތައް ޤާއިމްކުރުމުން ކަރަންޓުގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މިހާރު މާލެ ސަރަޙައްދުގައި ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓު 98 މެގަވޮޓްއަށް އަރާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވާނެކަމަށް ސްޓެލްކޯއިން ލަފާކުރައްވައެވެ.
މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ވަނީ ޤާއިމްކޮށްފައެވެ. މި އިންޖީނުގޭގައި 13 ޖަނަރޭޓަރު ބަހައްޓައި، ގްރިޑަށް ޖުމްލަ 17 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރެވޭނެއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު 120 މެގަވޮޓްއަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް އަލަށް ބޭނުންކުރާ 17 މެގަވޮޓްގެ ވަގުތީ އިންޖީނުގެއާއެކު، އިތުރުވާ ކެޕޭސިޓީއަށް ދަތިކަމެއްނެތި ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

