މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ. މި ނިންމުން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ޝިޔާމް އިބްރާހިމް މަގާމުން ވަކިކުރި ސަބަބު ޕީސީބީން ހާމަކޮށްފައި ނުވި ނަމަވެސް، ޝިޔާމަކީ އެމްޕީއެލްގައި 25 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ، ދިގު މުއްދަތެއްވަންދެން އެކުންފުންޏަށް ހިދުމަަތް ކުރައްވާފައިވާ ފަރާތެކެވެ.
އެމްޕީއެލް ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަމުން ޝިޔާމު ވަކިކޮށްފައިވާއިރު ދާދި ފަހުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމްވެސް ވަނީ އެ މަޤާމުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން ވަނީ އައްޔަންކޮށްފައެވެ.
މިހާރު އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާނީ ޗެއާޕާސަން އާމިނަތު ހަމީދާއި، ބޯޑު މެންބަރުންގެ ގޮތުގައި އަހްމަދު އިލްޔާސް، އަހްމަދު ނިޔާޒު، އަދި އަހްމަދު ފަހީމުގެ އިތުރުން، ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

