ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެމެރިކާގެ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިން ނަގާފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނު ދައްކައި ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.
2022 ވަނަ އަހަރު ނަގާފައިވާ މި ލޯނަކީ ބަޖެޓުގެ ތާށިކަން ހައްލުކުރުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ ލޯނެކެވެ. މި ލޯނު ނަގާފައިވަނީ 7.15 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި، ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު އަނބުރާ ދައްކައި ނިންމިއިރު، އިންޓްރެސްޓްގެ ގޮތުގައި އިތުރު 26 މިލިއަން ޑޮލަރު ސަރުކާރުން ދައްކާފައިވެއެވެ.
މި ލޯނު ދައްކައި ނިންމާފައި މިވަނީ، މިއަހަރު ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، “ރާއްޖެއިން ނަގާފައިވާ ލޯނުތައް އެއްބަސްވުންތަކާ އެއްގޮތަށް ދައްކަމުންދާ،” ކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ނިމިދިޔަ ސަރުކާރުން ކާގިލް ފައިނޭންޝަލްގެ ލޯނުގެ އިތުރުންވެސް، އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގާފައިވާ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތައް ނިމިފައި ނުވާއިރު، ބައެއް މަޝްރޫޢުތައް ހުރީ މަޑުޖެހިފައި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، އެކި މަޝްރޫޢުތައް ހިންގާފައިވާ ރާއްޖޭގެ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު އޮތީ ނުދައްކާ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ބޭރުގެ ދަރަނި މެނޭޖުކުރުމުގެ އިތުރުން، ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާވެސް ދަނީ ދޫކުރައްވަމުންނެވެ.
ނިމިދިޔަ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް މާލީގޮތުން ދަތިތައް ކުރިމަތިވެފައި އޮތްނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވައި، އިގްތިސާދު އަލުން ހަމަ މަގަށް އަޅުއްވާފައެވެ. މިއާއެކު މިއަހަރު ވެގެންދާނީ އިގްތިޞާދީގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށްވެސް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭނެ އަހަރަކަށްކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

