ނ. ވެލިދޫއަށް އިއްޔެ ރޭ އެރި ނަގޫރޯޅިއެއްގައި އެރަށުގައި ހުންނަ އާރްޑީސީ ސައިޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ވެލިދޫ ކައުންސިލްގެ ރައީސް ރައީސް އާތިފް ހުސައިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައެވެ. ނަގޫރޯޅި އެރުމާ ގުޅިގެން އާރްޑީސީގެ ވޯކްޝޮޕް އޭރިއާގެ ފުރާޅު އެއްލާލާފައިވާ ކަމަށް އާތިފު ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެއީ ދެ އަންހެނަކާއި ފިރިހެނެއް ކަމަށްވެސް ކައުންސިލްގެ ރައީސް ރައީސް އާތިފް ހުސައިން ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް އާތިފު ފާހަގަކުރެއްވިއެވެ. އަދި މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުން ކޮންމެވެސް ވަރެއްގެބިރެއްގެ ތެރޭ ތިބި ކަމަށްވެސް އާތިފު ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް، އިތުރު ފަރުވާއެއް ބޭނުންވޭތޯ ބެލުމަށްޓަކައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ނ. މަނަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އާތިފު ވިދާޅުވިއެވެ.

