ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނާ ހިލާފުވެ ވޭޕް ބޭނުން ކޮށްގެންނާއި ގެންގުޅެގެން ކުރެވުނު ޖޫރިމަނާތަކުގެ ޖުމުލަ 195،500 ރުފިޔާއަށް އަރާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވޭޕް ބޭނުންކުރުމާ ގުޅޭ 41 މައްސަލައެއްގައި 35 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. މީގެ ތެރެއިން މިދިޔަ މަހު 13 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށް، ޖުމުލަ 65،000 ރުފިޔާ ހޯދާފައިވެއެވެ.
މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހު 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށް، 70،000 ރުފިޔާ ހޯދާފައިވާއިރު، ޑިސެމްބަރު މަހު 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށް، 60،500 ރުފިޔާ ހޯދާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، ޖޫރިމަނާ ކުރި ނަމަވެސް ފުލުހުން ވޭޕް އަތުލާފައެއް ނުވެއެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެއެވެ. އަދި އެ މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް މުއިޒު އިބްރާހީމް ތަސްދީގު ކުރެއްްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ. މި އިސްލާހާ ގުޅިގެން، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރޭޓާއި ވޭފް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާ އަދި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ފުލުހުން ދަނީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

