ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން 2020 ވަނަ އަހަރު ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެންނެވެ.
މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ 12 އިން 24 އާ ދެމެދު ކާށިދޫގެ އެ ސަރަހައްދު ދިރާސާ ކުރުމުގެ ފުރަތަމަ މަސައްކަތް ކުރިޔަށްދާނެ ކަމަށް ވަނީ އިއުލާން ކުރެވިފައެވެ. މި ދެ ހަފުތާގެ ދިރާސީ މަސައްކަތުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމު ބައިވެރިވާނެއެވެ.
އަދި މީގެ އިތުރުން، ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ވެސް މި ދިރާސާގައި ބައިވެރިވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ދިރާސާގެ މުހިންމު ބައެއްގެ ގޮތުގައި، ފަންނީގޮތުން ބިމުގެ އަޑީގައި ހުންި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާއި، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރިންނާ ހިއްސާކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. މިއީ ރާއްޖޭގެ އާސާރީ ތަރިކަ ދިރާސާކުރުމާއި ރައްކާތެރިކުރުމުގެ ދާއިރާއަށް ލިބޭނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ފާހަގަކުރެވެއެވެ.

