ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދީނީ އަޅުކަންތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން މި އަހަރުވެސް ރޯދަމަހުގެ ފަހު 10 ދުވަސް ބަންދު ކަމުގައި މިވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން އިޢުލާނު ކުރެއްވިއިރު، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އަންގަވާފައިވެއެވެ. މި ޚިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ކަމާބެހޭ މުއައްސަސާތަކުން ހަމަޖައްސަވާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.
މި ނިންމުމަކީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސެވުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ނިންމަވާފައިވާ ނިންމެވުމެކެވެ. މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ ފަހަރަށް ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރީ މިދިޔަ އަހަރުއެވެ.

