ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކުރައްވައި، އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/22) އަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަލުން ވިސްނުމަށް އެދި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
މި ބިލަކީ މިއަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކޮށް، ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ބިލެކެވެ. މި އިޞްލާޙުގައި ހިމެނިފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މިހާރުގެ 7 އިން 5 އަށް މަދުކުރުމެވެ.
މަޖިލީހުން މި އިޞްލާޙު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިޞްލާޙުގެ މަޤްޞަދުގައި ބަޔާންކޮށްފައިވަނީ، ކުރީގެ ޚާއްޞަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ފާހަގަކުރެވުނު ފަދައިން، ޤާނޫނުއަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމަށް ދެކޭތީ ކަމަށެވެ.
އިޞްލާޙުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި، މަޖިލީހަށް އެ ނަންތައް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންވާނެ ކަމަށްވެސް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

