މާލޭގައި މީހަކަށް ބިރު ދައްކައި، ގެއަކަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރެވުނު 4 މީހުން އެޕާޓްމަންޓަށް ދިޔައީ އަގު ނަގައިގެން އެތަން ސާފު ކުރުމަށް ކަމަށް ބުނެފައިވީ ނަމަވެސް، އެ މީހުން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ
- އއ. މާޅޮހުގެ ރީތިހިޔާ، މުހައްމަދު އަފްލާހް (23)،
- ނ. ވެލިދޫގެ އެލަސް، އިބްރާހިމް އަހްނަފް (21)،
- ނ. މަނަދޫގެ ހަވޭލީ، މުހައްމަދު އަޒަން (23)،
- ތ. ގުރައިދޫގެ ފަޒާ، އަލީ ނަވާފު (21)،
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މާރިޗު 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައެވެ.
ހައްޔަރުކުރެވުނު މީހުން ބުނެފައި ވަނީ އެތަނަކީ އެމީހުންގެ ރައްޓެއްސަކު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށާއި، އެކަމުގެ އެގްރީމެންޓެއް ވެސް އޮންނާނެ ކަމަށެވެ. އަދި އެތަނަށް ވަދެފައި ވަނީ ތަނަށް ގެއްލުމެއް ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ދީފައި ނުވާނެ ކަމަށެވެ.
ނަމަވެސް މައްސަލަ ބަލަމުންދާ ފުލުހުންގެ އޮފިސަރު ބުނެފައި ވަނީ އެތަނަކީ އެމީހުން ބުނާ ފަރާތުން ކުއްޔަށް ހިފާފައިވާ ތަނެއްކަން ސާބިތު ކޮށްދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ އެގްރީމެންޓްގައި ސޮއި ކުރުވާފައި ވަނީ ގަދަކަމުން ކަމަށެވެ.
ބަންދު އަމުރުގައި ފާހަގަ ކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު 4 މީހުންނަކީ ވެސް ކުރިން ހައްޔަރުގެ ލޮގް އޮތް މީހުންނެވެ.

