ރޯދަމަހަކީ އަޅުގަނޑުމެން މުސްލިމުންގެ ދީނީ އަޅުކަމެއްގެ ގޮތުގައި އަހަރަކު އެއްފަހަރު އަންނަ އުފާވެރި މަހެކެވެ. މި މަހު ދުވާލުގެ ވަގުތުގައި ކެއުމާއި ބުއިމުން ދުރުހެލިވެ ތިބެ އަޅުކަމުގައި ވަގުތު ހޭދަ ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ އަދި އޭގެ ދަރުމަ ގުނާ އަދަދު ނުކުރެވޭނެ ބޮޑު ކަމެކެވެ. ނަމަވެސް، ރޭގަނޑުގެ ވަގުތުގައި ކެއުމާއި ބުއިމުގެ ފުރުސަތު ލިބިފައި އޮވެއެވެ.
ފަތިސްތަރީގެ މިއަދުގެ ލިޔުމުގައި މި އަލިއަޅުވާލާނީ ރޯދަމަހުގެ ރޭގަނޑު ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން ޔޫރިން އިންފެކްޝަން ފަދަ މައްސަލަތަކުން ސަލާމަތްވެވޭނެ ގޮތްތަކުގެ މައްޗަށެވެ.
ރޯދަމަހަކީ ފެން ބޮވޭ މިންވަރު ބޮޑުތަނުން މަދުވާ މަހެކެވެ. ދުވާލުގެ ވަގުތުގައި އެއްވެސް ވަރަކަށް ފެން ނުބޮއެ ހުންނަން ޖެހޭތީ، ގައިން ފެން މަދުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވެ ތިބުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ. ރޯދަ މަހު ފެން ބޮވޭ މިންވަރު މަދުވުމުގެ ސަބަބުން އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހިމެނެއެވެ. މީގެ ތެރޭގައި ޖަރާސީމު އަށަގަތުމާއި ގުރުދާ (ކިޑްނީ) ގައި ހިލަ އުފެދުން ފަދަ ކަންކަން ހިމެނެއެވެ.
ފެން މަދުވުމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިވެއެވެ. އެއީ ފެން މަދުވުމުގެ ސަބަބުން ކުޑަކަމުދާ ތަކެތީގައި ހުންނަ "ޔޫރިކް އެސިޑް" ނަމަކަށް ކިޔާ އެސިޑުގެ މިންވަރު އިތުރުވެ، ކުޑަކަމުދާ ތަކެތީގެ ޕީއެޗްގެ އެސިޑުކަން ގަދަވާތީއެވެ. މިގޮތަށް ކުޑަކަމުދާ ތަކެތި ހުރުމުން، ހިލަ އުފެދުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ހަމައެހެންމެ، ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަތުމަކީވެސް ރޯދަ މަހު ވަރަށް އާންމު ކަމެކެވެ. މިކަން ކުރިމަތިވަނީ އާންމުކޮށް އަންހެނުންނަށެވެ. ކުޑަކަމުދާ ތަކެތީގެ ޖަރާސީމަށް ފަރުވާ ނުކުރެވި ގިނަ ދުވަސްވެއްޖެނަމަ އެކަމުގެ އަސަރު ގުރުދާއަށް ކުރެއެވެ. ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގެންފިނަމަ، ކުޑަކަމުދާއިރު ދިލަނެގުމާއި ދަށްބަނޑަށް ތަދުވުން އަދި އަވަސް އަވަހަށް ކުޑަކަމުދެވުން ފަދަ އަލާމާތްތައް ފެންނާނެއެވެ.

ރޯދަމަހުގެ ރޭގަނޑުގެ ވަގުތުގައި ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުން ވަރަށް މުހިންމެވެ/ ފޮޓޯ ؛ ފްރިޕިކް
މި މައްސަލަތަކުން ސަލާމަތްވުމަށްޓަކައި، ރޯދަމަހުގެ ރޭގަނޑުގެ ވަގުތުގައި ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުން ވަރަށް މުހިންމެވެ.
މަދުވެގެން 3 ލީޓަރުގެ ފެން ރޭގަނޑުގެ ވަގުތުގައި ބޮވޭތޯ ބަލަންވާނެއެވެ. ކެފެއިން އެކުލެވޭ ބުއިންތައް، ކޮފީ އަދި ކަޅުސައި ފަދަ ބުއިންތައް ވީހާވެސް މަދުކޮށް، ތާޒާ މޭވާގެ ފަނި ބުއިން މުހިންމެވެ. އަދި ކާ ތަކެތީގައި ޕްރޮޓީން އަދި ލޮނުގެ މިންވަރު ވީހާވެސް މަދުކުރެވޭތޯ ބަލަންވާނެއެވެ. ފޮނި ތަކެތި މަދުކޮށް ހުތްކަން ހުންނަ ތަކެތި (މޭވާ) ކެއުންވެސް ވަރަށް މުހިންމެވެ. އެއީ ހުތަކީ ހަށިގަނޑުގައި ހުންނަ އެސިޑުގެ މިންވަރު ދަށްކޮށްދޭ މާއްދާއެއް ކަމަށްވާތީއެވެ.
ކުޅިކޮށް ކެއުމަކީ އޭގެ ސަބަބުންވެސް ކުޑަކަމުދާ ނިޒާމަށް ނުސީދާ އަސަރެއް ކުރުވާ ކަމެކެވެ. އެހެންކަމުން ކުޅި ގަދަކޮށް ނުކެއުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ.
ހަކުރު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. ހަކުރު މަތިކޮށް ގިނަ މުއްދަތަކަށް ހުންނަ ނަމަ ގުރުދާގެ މަސައްކަތަށް އޭގެ ސަބަބުން ބުރޫ އަރައެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމު އަށަގަތުމަށް މަގުފަހިވެއެވެ.
ކޮންމެ އަކަސް މި ހުރިހާ ކަމެއްގެ މައްޗަށް އެންމެ އިސްވާ ކަމަކީ ގިނައިން ފެން ބުއިމެވެ. ގިނައިން ދިޔާތަކެތި ބުއިމެވެ. ދުޅަހެޔޮ ބުއިންތައް ގިނައިން ބުއިމެވެ. ރޯދަ މަހު ކުޑަކަމުދިއުމުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދުން މުހިންމެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، ރޯދަމަހުގެ ރޭގަނޑުގެ ވަގުތުގައި ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ޔޫރިން އިންފެކްޝަން އަދި ގުރުދާގައި ހިލަ އުފެދުން ފަދަ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ. އަދި ހަށިގަނޑުގެ ސިއްޙަތު ރަނގަޅުވެ، ރޯދަމަހުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރެވޭނެއެވެ. މާތްﷲ އަޅަމެން އެންމެންގެ ސިއްޙަތު ސަލާމަތުން ލަހައްޓަވައި ބާއްއްޖަވެރި، ދުޅަހެޔޮ ރޯދަމަހެއް އަޅަމެން އެންމެނަށް މިންވަރުކޮށްދެއްވާށި! އާމީން.

