ރ. ދުވާފަރުގައި ދަނާލަކާއި ކުޅުދުއްފުށި ސިޓީގައި ޓްރެއިނިންގ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިގޮތުން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. އަދި ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަލީ ހައިދަރު އެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ރިޓަޔަރޑް އަލީ ޒުހައިރު އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.
މި ދެތަން އިމާރާތްކުރުމަށް 15،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، މި ތަންތަނުގައި 31 ކޮޓަރި ހިމެނޭ ދަނާލުގެ އިތުރުން، ދަރިވަރުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ބަދިގެއަކާއި ކެއިންބުއިމުގެ ސަރަހައްދެއް ހިމެނޭނެއެވެ. މީގެ އިތުރުން ދޮވެއިސްތިރިކުރުމުގެ ޚިދުމަތާއި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ހަވާލުކުރެވުނު މަސައްކަތްތަކެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖަކާއި، ރ. އަލިފުށީގައި ޓިވެޓް ސެންޓަރަކާއި، ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

