އދ. މާމިގިލި ކައިރީގައި އޮންނަ ފަޅު ރަށް، އަރިޔަދޫގައި ރުއް އިންދައި އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، އެ ރަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމާއެކުގައެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި “ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރު” ގާއިމުކުރެވޭނެއެވެ. މި ސެންޓަރުގައި ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރު ރަނގަޅު ރުކުގެ ނާސަރީތައް ގާއިމުކޮށް، ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދެވޭނެއެވެ.
މިހާރު ރާއްޖޭގައި ކާށި ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ގިނަ ރުއްތަކަކީ އުމުރުން ދުވަސްވެފައިވާ ރުއްތަކެކެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި، އަރިޔަދޫގައި ހިންގާ މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، ކާނާގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.
މީގެއިތުރުން، މި ސެންޓަރުގައި ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ، އެކަމުގެ ހައްލު ހޯދުމުގެ ދިރާސާތައް ކުރެވޭނެއެވެ. އަދި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބައޮލޮޖިކަލް ކޮންޓްރޯލް އެޖެންޓްތައް އާލާކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
މި ސެންޓަރު ތަރައްގީކޮށް ހިންގުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް، ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

