މާލެ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާގެ މެންބަރުކަމުންނާއި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ނަރީޝް ހާމަކުރައްވާފައެއް ނުވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަރީޝް ވިދާޅުވެފައިވަނީ “ކައުންސިލުގައި ހޭދަކުރި މުއްދަތަކީ ވަޒީފާ އާއި މަސައްކަތުގެ ދާއިރާގައި، އަޅުގަނޑު ހޭދަކުރި އެންމެ އުފާވެރި ދުވަސްވަރު” ކަމުގައެވެ. އަދި ކައުންސިލުގެ ފަރާތުން ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް، އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައެއް ކަމުގައި ވެސް ފާހަގަކުރައްވާފައިވެ އެވެ.
އިސްތިއުފާގެ ސިޓީގައި ނަރީޝް ވަނީ މާލޭގެ ކުރީގެ މޭޔަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި މިހާރުގެ މޭޔަރު އާޒިމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު އެމަނިކުފާނުގެ ފަރާތުން ލިބުނު ފިލާވަޅުތަކަށް ޝުކުރުވެރިވެ ވަޑައިގެންފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ނަރީޝް އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރުގެ މަގާމަކާ ހަވާލުވުމަށް ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް މިކަން ރަސްމީކޮށް ޔަގީން ކުރެވިފައެއް ނުވެ އެވެ.
2021 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ނަރީޝް އިންތިޚާބުކުރެވުނު ފަހުން މިއަދުގެ އިސްތިއުފާ ދެއްވުމާ ހަމައަށް ނަރީޝް ހުންނެވީ އެ މަގާމުގައެވެ.

