ސީއެމްބިއުލާންސް މާލެއަށް ލަފާފުރުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މާފަންނު ފެރީ ޓާމިނަލްގައި ސީއެމްބިއުލާންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
މިހާރު ސީއެމްބިއުލާންސް ބޭނުންކުރަމުން އަންނަ 1 ނަންބަރު ޖެޓީއާއި އައި.ޖީ.އެމް.އެޗް/ދަރުމަވަންތަ ހޮސްޕިޓަލް ދުރުވުމުގެ ސަބަބުން، ޓްރެފިކްގައި ޖެހި ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްތަކެއް ދިމާވަމުންދާކަމަށް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ މާފަންނު ފެރީ ޓާމިނަލް އިންވެގެން އިރަށް އެމްބިއުލަންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށްޓަކައި އެ ސަރަހައްދު ބައްލަވާލައްވާފައެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ވިލިމާލެއާއި މާލެއާ ދެމެދު ސީއެމްބިއުލާންސްގެ ޚިދުމަތް ފަށާފައެވެ. މި އައު ބަދަލާއެކު ސީއެމްބިއުލާންސް ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

