ގއ ގެމަނަފުށި ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހުޓިކޮޑާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހުޓިކޮޑާއިން ވާދަކުރީ ލަނޑާ އެފްސީއާއި ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ހާފުންފެށިގެން ހުޓިކޮޑާއިން ކުޅެމުންދިޔައީ ވަރަށް އިތުބާރާއިއެކުއެވެ. މެޗުގެ ފުރަތަމަ ގޯލް ހުޓިކޮޑާއަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ޖޯޒީ ނަންބަރު 4 ޖަމްޝާދު ރާމިޒު ( ރާމޮސް ) އެވެ. މި ގޯލާއިއެކު ހުޓިކޮޑާގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގާތްގާތުގައި ހަމަލާތައް ދިޔައީ ގޯލަށް އަމާޒު ކުރަމުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހުޓިކޮޑާއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީއްޖާ 2 އަށް ބަދަލުކޮށްފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ހުޓިކޮޑާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ހުޓިކޮޑާއިން ފެށީ ވަރަށް އިތުބާރާއި އެކުއެވެ. ލަނޑާ އެފްސީއަށް މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބުނު އިރު ގޯލަކަށް ބަދަލު ކުރެވޭ ގޮތެއް ނުވެއެވެ. ގޯލެއް ޖެހުމަށް ލަނޑާ އެފްސީން ކުރިއަށް ޖެހުނު ވަގުތުގެ ބޭނުން ހިފައި ހުޓިކޮޑާއިން ވަނީ ގާތްގާތުގައި 3 ގޯލުކާމިޔާބުކޮށް ނަތީއްޖާ 5-0 އަށް ބަދަލުކޮށްފައެވެ. ހުޓިކޮޑާއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ހުޓިކޮޑާއިން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުޓިކޮޑާގެ ޖާޒީ ނަންބަރު 4 ޖަމްޝާދު ރާމިޒުއެވެ. ޖަމްބެ ވަނީ މި މެޗުގައި 2 ގޯލު ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުގައި ޖަމްބެ ޖެހި 16 ވަނަ ގޯލެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނެ ދެވަނަ ޓީމް ކަށަވަރު ވާނީ ސެމީ ފައިނަލް ދެވަނަ މެޗުގައި ރެމްޕާޖާއި އަތިރީ އެފްސީ ވާދަކުރާ މެޗުންނެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ވެޓަރަންސް މުބާރާތަކީ ގއ އަތޮޅުގައި ބާއްވާ މިފަދަ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގައި 7 ޓީމަކުން ވާދަކުރާއިރު ރަށުން ބޭރުން ގއ ކޮނޑޭ ވެޓަރަންސް ޓީމް ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

