ވ. ފެލިދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައި އެ ނިޒާމު އޮޕަރޭޓަރު ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއާ ހަވާލުކޮށްފިކަމަށް އިމާރާތްކުރުމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ސްޓޭޓް އިލެކްޓްރިކްސް ކޮމްޕެނީއާ ހަވާލުކުރުމަށްފަހު، ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑުގެ ދަށުން، އެނިޒާމުގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ގްޒިމް ބޭންކް އޮފް އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑުން ތަންފީޒުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، 35 ޓަނުގެ 2 އާރްއޯ ޕްލާންޓާއި 265 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކުގެ އިތުރުން 500 ޓަނުގެ ވާރޭފެން ރައްކާކުރާ 1 ޓޭންކް ބަހައްޓާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ނަރުދަމާ ނިޒާމަށް 2 ޕަންޕިން ސްޓޭޝަނާއި 4.2 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އަޅާފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. މީގެ އިތުރުން، 30 ކިލޯވޮޓުގެ ސޯލަރ ޕެނަލްވެސް މި މަޝްރޫޢުގެ ދަށުން ހަރުކޮށްފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުއެވެ. އިންޑިޔާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓަނޭޝަނޭޝަނަލް ލިމިޓެޑްއެވެ.
ފާއިތުވި މަހު، ގދ. ފަރެސްމާތޮޑާއާއި ލ. އިސްދޫގެ އިތުރުން ލ. ގަމުގައިވެސް ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު އިތުރު ކާމިޔާބީއެކެވެ.

