އަންހެނުންގެ ދުވަހާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ހިންގި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 17 ބިދޭސީން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި އަހަރުގެ އަންހެނުންގެ ދުވަހާ (8 މާރޗް 2024) ގުޅުވައިގެން އިއްޔެ އަންހެން އޮފިސަރުން ގުޅިގެން މި ޚާއްޞަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ބިދޭސީންނަށް ޚާއްޞަ އެކޮމޮޑޭޝަން ބްލޮކަކާއި، ކެފޭއަކާއި، ހުޅުމާލޭ ފިހާރައެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
“އެންފޯސްމެންޓް އެންޑް ކޮމްޕްލެޔަންސް ޑިވިޝަންގައި މަސައްކަތްކުރާ އަންހެން އޮފިސަރުންގެ ހިތްވަރާއި ލީޑަރޝިޕަށް ތަޢުރީފް ކުރަން،” އިމިގްރޭޝަނުން ބުނެފައިވެއެވެ،
މި އޮޕަރޭޝަނަކީ އިމިގްރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ. މި އޮޕަރޭޝަންތަކުގެ އިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

