ގއ ގެމަނަފުށި ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތުގައި ގއ ކޮނޑޭ ރެމްޕޭޖް ފައިނަލަށް ދަތުރުކޮށްފިއެވެ.
ގެމަނަފުށި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް ރެމްޕޭޖުން ކާމިޔާބު ކުރީ އަތިރީ އެސްސީ އާއި ވާދަކޮށް 5-0 އިންނެވެ.

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސެމީފައިނަލަށް ދަތުރު ކުރި ރެމްޕޭޖު މި މެޗުގައި ފެނިގެން ދިޔައީ ވަރަށް އިތުބާރާއިއެކު އެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުން ވަރަށް ވާދަވެރި ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ދެޓީމަށްވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ފުރަތަމް ހާފް ނިމިގެން ދިޔައީ 0-0 އިންނެވެ.
ދެވަނަ ހާފް ފެށިގެން ގިނަ އިރުތަކެއް ނުވަނީސް ރެމްޕޭޖުގެ ފުރަތަމަ ގޯލު ވަނީ ފެނިގެންގޮސްފައެވެ. އަދި ގާތްގާތުގައި 4 ގޯލުވަނީ ފެނިގެން ގޮސްފައެވެ.
އަތިރީ އެސްސީން ކުރިއަށްޖެހި ގޯލެއް ޖެހުމަށް ކުރި މަސައްކަތުގެ ބޭނުން މާއެދެވޭ ގޮތެއްގައި ބޭނުމެއް ނުހިފެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެމްޕޭޖްގެ ޖާޒީ ނަންބަރު 7 ޝިނާޒް މުހައްމަދު އެވެ.
މި މުބާރާތުގެ ފައިނަލްގައި ރެމްޕޭޖާއި ދެކޮޅަށް ނިކުންނާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހުޓިކޮޑާއެވެ.
5 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ވެޓަރަންސް މުބާރާތަކީ ގއ އަތޮޅުގައި ބާއްވާ މިފަދަ ފޯރިގަދަ މުބާރާތެވެ. މި މުބާރާތުގައި 7 ޓީމަކުން ވާދަކުރާއިރު ރަށުން ބޭރުން ގއ ކޮނޑޭ ވެޓަރަންސް ޓީމް ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

