ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "މަހްރަޖާނުލް ޤުރްއާނިލްކަރީމް 1446" ޕްރޮގްރާމް މިއަދު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިއީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދީނީ ހަރަކާތެކެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކަޑެމިކް އެފެއަރޒް ޑރ. އައިޝަތު ވަޙީދާ ވިދާޅުވެފައިވަނީ، "މިއީ ޤުރުއާނުގެ ޢިލްމީ ހަފްލާއެއް. ޢިލްމީ ބޭފުޅުންގެ ޢިލްމީ ހަޒާނާއިން މުހިންމު ގިނަ މަޢުލޫމާތާ ފިލާވަޅު ލިބިގެންދޭ،" ކަމަށެވެ.
ދޮޅު ގަޑިއިރަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 4 ބޭފުޅަކު ރީތި ރާގުން ޤުރުއާން ކިޔަވައިދެއްވާފައިވެއެވެ. އަދި ޤުރުއާނުގެ ޢިލްމުގެ 4 ދާއިރާއަކުން 4 އިލްމުވެރިޔަކު މަޢުލޫމާތު ދެއްވާފައިވެއެވެ. މި ޕްރޮގްރާމްގައި ތަފްސީރާއި ދީނީ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ.
ކޮންމެ ރަމަޟާން މަހަކު ބާއްވާ މި ޕްރޮގްރާމަކީ އާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މަޝްހޫރު ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ މެޑަމް ސާޖިދާއެވެ.

