ރަމަޟާން މަހު ރޯދައަށް ހުންނައިރު ގިނަ ބަޔަކަށް ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ ބޮލުގައި ރިއްސުމެވެ. މިއީ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަމެކެވެ. މި މައްސަލައިގެ މައިގަނޑު ސަބަބުތަކާއި އަދި މިކަމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބަލައިލުން މުހިންމެވެ.
ހަށިގަނޑުން ފެން މަދުވުން (ޑީހައިޑްރޭޝަން): ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަށް މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ ހަށިގަނޑުން ފެން މަދުވުމެވެ. ދުވާލުގެ ވަގުތުގައި ފެން ނުލިބުމުގެ ސަބަބުން ހަށިގަނޑު ޑީހައިޑްރޭޓް ވެ، އޭގެ ސަބަބުން ބޮލުގައި ރިއްސުން ފަށައެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ރޭގަނޑު ރޯދަހިފުމުގެ ވަގުތު ވަނުމާ ހަމައަށް ގިނައިން ދިޔާތަކެއްޗާއި ފެން ގިނަގިނައިން މަދު އެތިފޮދުން ބުއިމުން، ބަނޑަށް އުނދަގޫނުވެ ފެން ހަށިގަނޑަށް ލިބޭނެއެވެ.

ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަކީ އާންމުކަމެއް، އެކަމަށް ހައްލުހޯދިދާނެ/ ފޮޓޯ:ފްރީޕިކް!
ކެފެއިން ވިތްޑްރޯވަލް: ގަވާއިދުން ކޮފީ ނުވަތަ ސައި ބޯ މީހުންނަށް ރޯދައަށް ހުންނައިރު ކުއްލިއަކަށް ކެފެއިން ނުލިބުމުގެ ސަބަބުން ބޮލުގައި ރިއްސުން ކުރިމަތިވެއެވެ. މިއީ ހަށިގަނޑު ކެފެއިން އަށް ދެވިހިފާފައި ހުރުމުން، ކުއްލިއަކަށް އެ މާއްދާ ނުލިބުމުން ދިމާވާ ކަމެކެވެ. މިކަމުން ރައްކާތެރިވުމަށް ރޯދަ ވީއްލައިގެން ވަގުތުން ކޮފީ ބުއިމުގެ ބަދަލުގައި ތަރާވީސް ގަޑީގައި ނުވަތަ ސުހޫރުވަގުތު ކާން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ކުޑަކުޑަ ކޮފީކޮޅެއް ބޯލާށެވެ.
ލޭގެ ހަކުރުގެ މިންވަރު ދަށްވުން: ރޯދައަށް ހުންނައިރު ކެއުމާ ދުރުގައި ހުރުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެއެވެ. މީގެ ސަބަބުން ބޮލުގައި ރިއްސުމާއި، ބޮލަށް ބަރުވެ މޫނަށް އަނދިރިވުން ފަދަ ކަންކަން ދިމާވެއެވެ. މިކަމުން ސަލާމަތްވުމަށް ސުހޫރުގައި ފުރިހަމަ ކާނާ ލިބޭގޮތަށް ކެއުމާއި، ރޯދަވީއްލުމުގައި ހަކުރު އެކުލެވޭ ކާނާ ހިމެނުން މުހިންމެވެ.

ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަކީ އާންމުކަމެއް، އެކަމަށް ހައްލުހޯދިދާނެ/ ފޮޓޯ:ފްރީޕިކް!
ނިދި މަދުވުން: ރަމަޟާން މަހު ނިދުމުގެ ވަގުތުތަކަށް އަންނަ ބަދަލުތަކާއި ވަޒީފާތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ގިނަ ބަޔަކަށް އެކަށީގެންވާ ނިދި ނުލިބެއެވެ. ނިދި މަދުވުމަކީ ބޮލުގައި ރިއްސުމަށް މެދުވެރިވާ އެއް ސަބަބެވެ. މިކަމުން ސަލާމަތްވުމަށް ދުވާލުގެ ވަގުތުގައި ކުޑަ ނިދިކޮޅެއް ލުމާއި، ރޭގަނޑު އެކަށީގެންވާ ވަގުތު ނިދުމަށް ހޭދަކުރުން މުހިންމެވެ.
ނަފްސާނީ ގޮތުން ލިބޭ ބުރަ: ރޯދައަށް ހުންނައިރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބޭ ބުރަ ބޮޑުވެއެވެ. މީގެ ސަބަބުން ކަންބޮޑުވުމާއި ހާސްވުން އިތުރުވެ، ބޮލުގައި ރިއްސުން ކުރިމަތިވެދާނެއެވެ. މިކަމުން ސަލާމަތްވުމަށް އަރާމުކުރުމަށް ވަގުތު ހޭދަކުރުމާއި، ހަށްޓަށާއި ސިކުނޑިއަށް އަރާމު ލިއްބައިދޭ މަޑުމައިތިރި މާހައުލެއް ހޯދުން މުހިންމެވެ.

ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަކީ އާންމުކަމެއް، އެކަމަށް ހައްލުހޯދިދާނެ/ ފޮޓޯ:ފްރީޕިކް!
ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތައް؛
- ރޭގަނޑުގެ ވަގުތުގައި ގަވާއިދުން ފެން ބުއިން
- ސުހޫރުގައި ފުރިހަމަ މިންހެޔޮ ކާނާ ހިމެނުން
- ކޮފީ ބުއިމަށް އާދަވެފައިވާ ގަޑި ބަދަލުކޮށް އެވަގުތު އާދަކޮށްލުން
- އެކަށީގެންވާ ވަރަށް ނިދުން
- ސްޓްރެސް މެނޭޖްކުރުމަށް މަސައްކަތްކުރުން
- ބޮލުގައި ރިއްސުން ގަދަވާނަމަ ޞިއްޙީ ފަރުވާ ހޯދުން
ރޯދައަށް ހުންނައިރު ބޮލުގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިކަމުން ސަލާމަތް ވުމަށް އެޅިދާނެ ގިނަ ފިޔަވަޅުތަކެއް ވެއެވެ. މި ފިޔަވަޅުތައް އެޅުމުން ގިނަ ފަހަރަށް މި މައްސަލައިން ސަލާމަތް ވެވޭނެއެވެ. އަދި ބޮލުގައި ރިއްސުން ދެމިގެންދާ ނަމަ، ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

