އަލާސްކާގެ އެންމެ ބޮޑު ސިޓީއާ ކައިރީގައިވާ އަލިފާން ފަރުބަދައެއް ކުރިއަށް އޮތް ހަފްތާތަކުގައި ނުވަތަ މަސްތަކުގެ ތެރޭގައި ގޮވާފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެެވެ.
އެލާސްކާ ވޮލްކޭނޯ އޮބްޒަވޭޓަރީން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި ފަހަކަށް އައިސް ކުރެވުނު ވައިގެ ދަތުރުތަކުގައި ވަރަށް ބޮޑަށް ވޮލްކޭނިކް ގޭސް ބޭރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާތަކުގައި ނުވަތަ މަސްތަކުގައި ފަރުބަދައިގައި އަލިފާން ރޯވުމުގެ ފުރުސަތު ބޮޑުކަމަށް އަލާމާތްތަކުން ދައްކާ ކަމަށެވެ.
މިއީ 11,070 ފޫޓު (3,374 މީޓަރު) އުސްމިނުގައި ހުންނަ، ގަނޑުފެނާއި ސްނޯއިން ފޮރުވިފައިވާ އަލިފާން ފަރުބަދައެކެވެ. މިއީ އެންކަރޭޖްއާ ގާތްގަނޑަކަށް 80 މޭލު (129 ކިލޯމީޓަރު) އުތުރު-ހުޅަނގުގައި އޮންނަ ފަރުބަދައެކެވެ.
މައުންޓް ސްޕަރ އަކީ އެލާސްކާގައި ވޭތުވެދިޔަ 250 އަހަރުގެ ތެރޭގައި ހަރަކާތްތެރިވެފައިވާ 53 އަލިފާން ފަރުބަދަތަކުގެ ތެރެއިން އެކައްޗެވެ. މި ފަރުބަދައިގައި ދެ މައި ވެންޓް (ދުންބޭރުވާ ހޮޅި) ވާއިރު، ފަރުބަދައިގެ އެންމެ މަތީގައިވާ ވެންޓުން އެންމެ ފަހުން އަލިފާން ރޯވެފައިވަނީ މީގެ 5,000 އަހަރަށްވުރެ ގިނަ ދުވަސް ކުރިންނެވެ. ކްރޭޓަރ ޕީކް ވެންޓަކީ ފަރުބަދައިގެ އެންމެ މަތިން ގާތްގަނޑަކަށް 2 މޭލު (3 ކިލޯމީޓަރު) ދެކުނުގައި އޮންނަ ވެންޓެކެވެ.
އޭގެ ފަހުން، 2004 އާއި 2006 އާ ދެމެދުގެ މުއްދަތުގައި ބިންހެލުން އިތުރުވުމާއި އެހެނިހެން ހަރަކާތްތެރިކަން އިތުރުވި ނަމަވެސް އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގާފައެއް ނުވެއެވެ. ފާއިތުވި އޮކްޓޯބަރު މަހު، ބިންހެލުމުގެ ހަރަކާތްތެރިކަން އިތުރުވެ، ސެޓެލައިޓް ޑޭޓާއިން ބިމުގެ ބަދަލުތަކެއް ފާހަގަކުރެވުމާ ގުޅިގެން، އޮބްޒަވޭޓަރީން މައުންޓް ސްޕަރގެ އިންޒާރުގެ ސްޓޭޓަސް ފެހި ކުލައިން ރީނދޫ ކުލައަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

