"ހޫމް. މާމަގެ ބަދިގެއިން ރޯދަމަހުގެ ހަނދާން އައުކޮށްލަދޭ ވަސް، ހަފުތާގެ ހުކުރުދުވަހު ބޭރުން ދޯދަވީއްލުމެއް ދޭން ބުނީ މިހެންވެތާދޯ؟"
ބަންގީގެ އަޑާއެކު ފިރިމީހާ މިއަދުގެ ރޯދަ ވީއްލުމަށް ގެނެސްދިން ހަދިޔާ ތަށިތަށްޓަށް އަޅަން ފެށުމާއެކު ލޮލުން ފެން ނިރާލިއެވެ. ހަނދާންތައް އައުވެގެން ދިއުމާއެކު ކުޅު ދިޔާވީ އެއްފަހަރާއެވެ. އަަރައިގެން އައި ވަހުން ފުރުނީ ބަނޑަށްވުރެ ބޮޑަށް ހަނދާންތައް ވަޅުޖެހިފައިވާ ހިތުގެ ކަންކަނެވެ. ފިރިމީހާ އޭނާގެ ބައްޕަ ފަރާތު މާމަގެ ގެއަށް ޒިޔާރަތެއް ކޮށްފައި އައިކަން ޔަގީންވިއެވެ. ކަށިކެޔޮ ކަންޖާއި ބޯކަށިކެޔޮ ގުޅަތަކާއެކު ވަޅޯމަސް ހުއްޓެވެ.
މި ރޯދަމަސް ފެށުނުފަހުންވެސް ހަތަރުކަޅި ހަމަކޮށް ހިނިތުންވެ ނުލާ މައިދައިތަގެ ތުންފަތްމަތިންވެސް ހިނިތުންވުމެއް ފާޅުވިއެވެ. ކައިވެންޏަށް ފަހު މައިދައިތަގެ ރުހުން ލިބެމުން އައިސް ރޯދަމަހާ ދިމާކޮށް ރުޅި ހެދި ގޮތަށް ފޫކަހާފައި އިން މައިދައިތަގެ ރުހުން ހޯދަން ކުރަމުން އައި މަސައްކަތް ވެސް ކާމިޔާބު ވީއެވެ.
"ޅީދަރިފުޅާ، މީވާ ހަނދާނަކީ،" މައިދައިތަގެ މޫނުން ފެނުނީ މުޅިން އައު ކުލައެކެވެ. ކަށިކެޔޮ ކަނދި ސަމުސަލެއްގެ ރަހައާއެކު އަހަރެންގެ އަތުގައި ހިފައިގެން އިނދެ ބުންޏެވެ. "މައިދައިތަ މަތިން ހަނދާންވީ، ހަރުކަށްޓަސް ލޯބި މީހެއް. މަ ކަހަލަ،"
ފިރިމީހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެކުގައި ދަރިފުޅު ވެސް ބައިވެރިވިއެވެ. ހައިރާންވި ކަމަކީ ރުޅީގެ ބަދަލުގައި މައިދައިތަވެސް ހޭން ފެށުމުންނެވެ. "ޅީދަރިފުޅާ، ހޭންވެސް އަންމަގެ ހުއްދަ ބޭނުން ވަނީތަ؟"
އަހަންނަށް ވެސް ހެވުނެވެ. ހިތަށް އެރިއެވެ. އެކުގައި އުފާ ކުރުމަކީ ތަފާތު އުފަލެއްކަން ޔަގީނެވެ.

ރަހަތަކާ ގުޅެނީ ހަނދާނާ؛ގުޅުންތަކާއި އުފާވެރި ވަގުތުތައް)ފޮޓޯ:ވިޒިޓްމޯލްޑީވްސް
ޗުއްޓީއަށް މާލެއިން ބޭރަށް ނުގެންގޮސްގެން ތުން ދަމައިގެން އިން ފަނަރައަހަރުގެ އަންހެންދަރިފުޅުވެސް ތަށްޓަކާއި ސަމުސަލެއް ހިފައިގެން އައިސް އޭނާގެ ބައްޕަގެ ކޮނޑުގައި އެލިގަތީ ލޯބިވާ ވާހަކަ ބުނަމުންނެވެ.
ގޭތެރޭގެ ބަދަލުވެގެން ދިޔަ ލޯތްބާއި ހަނދާންތަކުގެ ފޮނިކަން އެކުލެވޭ މާހައުލާމެދު އުފާކުރަމުން އެންމެން އެކީގައި "ކަށިކޭލުގެ މީރު ރަހަ ތަކަށް" އިންސާފު ކުރަން އިށީނީމެވެ.
ކަށިކޭލަކީ މިއަދު ގޭގޭގެ ސުފުރާމަތިން ފެނުން މަދުވެފައި ވީނަމަވެސް ދިވެހިރާއްޖޭގައި ވަރަށް އާންމުކޮށް ފެންނަމުން ދިޔަ މޭވާއެކެވެ. ހިތާމައަކީ މިހާރު މިއީ އެހާ ފަސޭހައިން ލިބެން ހުންނަ މޭވާއަކަށް ނުވާކަމެވެ. ކަށިކެޔޮ އެކި ގޮތްގޮތަށް ބޭނުންކުރެއެވެ. މީގެ މަދު ހިއްކައިގެން ކައި އުޅެއެވެ. ކަށިކޭލުގެ މަދުގައި ހުންނަނީ ކަނަމަދުގައި ހުންނަ ފަދަ ރަހައެކެވެ. ދިވެހިން މި މޭވާ ކައްކައިގެންނާއި ތާޒާކޮށް ބޭނުންކުރެއެވެ. އަދި ކަށިކެޔޮ އަޅައިގެން ދަޅު ތައްޔާރުކުރުމަކީވެސް ކުރާ ކަމެކެވެ.
ކަށިކޭލަކީ ކާބަފައިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި، ޞިއްޙަތަށް ވަރަށް ފައިދާހުރި މޭވާއެކެވެ. މި މޭވާގެ ބޭނުން އިތުރަށް ހިފުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ޞިއްޙަތާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި ހަމައެއާއެކު، ކަށިކެޔޮ ގަސް އާލާކޮށް ދިރުވުމަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށްވެސް މި ފައިދާހުރި މޭވާގެ ބޭނުން ހިފުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

