މާލެއިން ގެއްލިގެން އުޅޭ އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން/މާލެ 31 އަހަރުގެ ޙައްވާ ޙަސަންއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ދިޔަފަހުން އެއްވެސް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2025 މާރިޗު 8 ވަނަ ދުވަހުގައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާތަނަށް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން އެދިފައިވަނީ، ޙައްވާ ޙަސަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކުރައްވައި މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

