އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލައިފިއެވެ.
މި ނިންމުމަކީ އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ އެދިވަޑައިގަތުމަށް ނިންމާފައިވާ ނިންމުމެކެވެ.
ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ލޯންޗް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.. މީގެ ތެރޭގައި އއ، ކ، އަދި ބ އަތޮޅުގެ ބައެއް ރަށްތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހިމެނެއެވެ.
"ހެންވޭރު ފެރީ ޓާމިނަލަކީ ހުޅުލެއަށާއި ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައްވެސް ކައިރި ކުރާތަނެއްނަމަވެސް އަތޮޅުތަކުގެ ލޯންޗްތަކުގެ ޝެޑިއުލުން ލިބުމުން އެވުގުތުތަކަށް އެތަނުން ފަސޭހައިން ޚިދުމަތް ލިބޭނެ،" ހެންވޭރު ފެރީ ޓަރމިނަލުން ޚިދުމަތް އަތޮޅުތަކަށް ދަތުރު ކުރާ ލޯންޗުތަކަށް ފޯރުކޮށްދޭން ފެށުމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވިއެވެ. ސަޢުދީ ވިދާޅުވީ މިހާތަނަށް ހެންވޭރު ޓަރމިނަލް ބޭނުންކުރުމަށް އެކި ފަރާތްތައް އެދުނުނަމަވެސް ހުޅުމާލޭ ފެރިޓަރމިނަލަށް ދަތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާކަމަށެވެ.
އެމްޓީސީސީގެ އަންދާޒާ ކުރާ ގޮތުގައި، މި ޚިދުމަތް ފެށުމުން ދުވާލަކު 15 ލޯންޗް ފެރީއަށް ޓަރމިނަލުން ޚިދުމަތް ދެވޭނެއެވެ. މިއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ހެންވޭރު ޓަރމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ހަމަޖައްސާނެއެވެ.
ދަތުރުވެރިންގެ ފަސޭހައަށްޓަކައި، ކޮންމެ އުޅަނދަކަށް 30 މިނެޓުގެ ވަގުތެއް ލިބޭނެއެވެ. އަދި ދަތުރުވެރިންނަށް މަޑުކޮށްލުމަށް ޚާއްސަ ސަރަހައްދެއް، ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް އެމްޓީސީސީން ހާމަކުރިއެވެ.

