ކަނޑުގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތްކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުދަދުވަހު ކަނޑުމަގުން ރާއްޖެ އައި ޝިޕްމަންޓެއް ބަލައި ފާސްކުރުމަށް މިއަދު ފަތިހު ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 3.534 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1086 ގްރާމްގެ ކެޓަމިން، 2138 ގްރާމްގެ މެތަމްފެޓަމިން އަދި 310 ގްރާމްގެ ހެރޮއިން ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

