ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 1446 ވަނަ އަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތުލައިގެން ހޮވައިފިއެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 102 މުވައްޒަފުން ކުރިމަތިލި އިރު، އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ 84 މުވައްޒަފުންނެވެ. އަދި އުމްރާގެ އަޅުކަމަށް 218 މުވައްޒަފުން ކުރިމަތިލި އިރު، ޝަރުތު ހަމަވެފައިވަނީ 215 މުވައްޒަފުންނެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނު މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުން އަހުމަދު ވަހީދު، ކ. ކާށިދޫ އިންޖީނުގެއިން ހަސަން ޒަރީރު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން އާމިނަތު ޖަލީލާއެވެ. އުމްރާގެ އަޅުކަމަށް ހޮވުނީ ވިލިނގިލި އަވަށު އިންޖީނުގެއިން ބުންޔާމީން މުހައްމަދު ނަސީރާއި އަހުމަދު މުސްތަފާ އަދި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުން ޝިފްރާ އިލްހާމްއެވެ.
ކުންފުނިން ހައްޖުގެ ފުރުސަތު ދެމުން އަންނަނީ 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ ފުރުސަތު ދެމުން އަންނަނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، 2023 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ހައްޖާއި އުމްރާގެ ފުރުސަތު ދެމުން އައީ އަންހެން އަދި ފިރިހެން މުވައްޒަފަކަށް ކަމަށްވާއިރު، މިދިޔަ އަހަރު ކުންފުނީގެ ޕޮލިސީއަށް ބަދަލު ގެނެސް، ހައްޖާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ވަނީ ނިންމާފައެވެ.

