- ސުވާލު
އައިނު އަޅައިގެން ނުވަތަ ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ކުރާ ނަމާދު ރަނގަޅުވާނޭ ހެއްޔެވެ؟
- ޖަވާބު
އައިނު އަޅައިގެން އަދި ލޮލަށް ކޮންޓެކްޓް ލެންސު ލައްވައިގެން ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ސަޖިދަކުރާ ވަޤުތު ސާޖިދަކުރާ މީހާގެ ނޭފަތާއި ނިތްކުރި ސަޖިދަކުރާ ތަނުގައި ރަނގަޅަށް ޖެހުން އޭގެ ސަބަބުން މަނާ ނުކުރާނަމައެވެ. އެގޮތަށް މެދުވެރިވާނަމަ، ނަމާދުގެ ކުރިން ޢައިނު ނެގުން ލާޒިމުވާނެއެވެ. ނުވަތަ ސަޖިދައަށް ދިޔުމުގެ ކުރިން ނެގުން ލާޒިމުވާނެއެވެ.
- ދަލީލު
އިމާމު ބުޚާރީ ރަޙިމަހުﷲ އާއި އިމާމު މުސްލިމު ރަޙިމަހުﷲ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރަން ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ނިތްކުރީގެ މައްޗަށެވެ. އަދި އެކަލޭގެފާނުގެ އަތުން ނޭފަތަށާއި ދެއަތްތިލައަށް އަދި ދެކަކުލަށް އަދި ދެފައިތިލައިގެ އިނގިލިތަކުގެ ކުރިއަށް އިޝާރާތްކުރެއްވިއެވެ.”
އަޅާފައިވާ ބޮޑު އައިނެއްގެ ސަބަބުން ހަތް ގުނަވަނުގެ މައްޗަށް ރަނގަޅަށް ސަޖިދަނުކުރެވޭ މީހަކާ ބެހޭގޮތުން އައްޝައިޚް މުޙައްމަދު ޞާލިޙު އަލްޢުޘައިމީން އާ ސުވާލު ކުރެވުނެވެ.
ވިދާޅުވިއެވެ. ނޭފަތުގެ ކުރި ސަޖިދަކުރާ ތަނުގައި ނުޖެހޭގޮތަށްކުރާނަމަ އެ ސަޖިދަ ކަމަކުނުދާނެއެވެ. ސަބަބަކީ އެ އައިނުގެ ސަބަބުން ނޭފަތް ބިންމަތީގައި ޖެހުން މަނާކުރެއެވެ. އެހެންކަމުން މިގޮތަށް ކުރާ ސަޖިދަ ޞައްޙައެއް ނުވާނެއެވެ.
ސަޖިދަކުރާ ތަނުގައި ނޭފަތް ނުޖެހޭނަމަ، ނަމާދުކުރާ މީހާ އޭނާ ސަޖިދަކުރާއިރު އައިނު ނަގަން ޖެހޭނެއެވެ.
مجموع فتاوى الشيخ ابن عثيمين / ވަންއިސްލާމް

