ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ވަރުގަދަ އެއް ކްލަބު، ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައި، ވިޒިޓް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ފިރިހެން އަދި އަންހެން ސީނިއަރ ޓީމުގެ ޕާޓްނަރެއްގެ ގޮތުގައިވެސް ދިވެހިރާއްޖެ ހަމަޖެހިގެންދާނެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވިސިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުން ރަސްމީކޮށް އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް 2 ވަނަ ދުވަހު، ލިވަޕޫލް އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ރާއްޖެއާއެކު ވެވުނު އެއްބަސްވުމުގެ މަންޒަރުތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްޕީއާރްސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމާއެކު ލިވަޕޫލްގެ ބޮޑު ސަޕޯޓަރ ބޭސްގެ ސަމާލުކަން ރާއްޖެއަށް އިތުރުވެ، އެ ސަޕޯޓަރުންނަށް ރާއްޖޭގެ މަޤްބޫލުކަން އިތުރަށް އެނގި، ދަތުރުކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. މީގެ އިތުރުން، ލިވަޕޫލްގެ ހޯމް މެޗުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކުރުމާއި، އެ ކްލަބުގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުންވެސް ހިމެނެއެވެ.
ލިވަޕޫލާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން އެކަޑެމީއެއް ގާއިމު ކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމަށް ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތަކެއްވެސް ހިމެނޭ ކަމަށާއި އަދި ކްލަބު ލެޖެންޑުންނާއެކު ހާއްސަ ސޯޝަލް މީޑިއާ ކެމްޕޭނުތަކެއް ކުރިއަށް ގެންދަންވެސް ނިންމާފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
ލިވަޕޫލަކީ ދުނިޔޭގެ އެންމެ މަޤްބޫލު އަދި ސަޕޯޓަރުން ގިނަ އެއް ކްލަބެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޯވަރުން ލިވަޕޫލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިމެނޭއިރު، އެ ކްލަބުގެ ޓީވީ އޯޑިއަންސް ސީޒަނަކަށް 211 މިލިއަނަށް އަރައެވެ. ކްލަބުން ލަފާކުރާ ގޮތުގައި އެ ކްލަބުގެ 22 މިލިއަން ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަމަށް ބެލެވެއެވެ.

