ރަމަޟާން މަހުގެ ފުރަތަމަ ދިހަ ދުވަސް ފާއިތުވެގެން ދިޔައިރު، ރޯދަ އިނާޔަތް ނުލިބޭ ކަމުގެ 33 ޝަކުވާއެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރިން އަންގާފައިވާ ގޮތުން، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ފެބްރުއަރީ 20 ގެ ކުރިން ދޭންޖެހެއެވެ. މި އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދޭންޖެހޭނެ ކަމަށް ވުޒާރާއިން ދައުލަތުގެ އިދާރާތަކަށް އަންގާފައިވެއެވެ.
އެހެންނަމަވެސް، އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ލިބޭނީ އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެކަންޏެވެ. އަދި ރަމަޟާން މަސް ފެށޭއިރު “ޕޭ ލީވް” އަދި “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އަންގާފައިވެއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. ނަމަވެސް، ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނާމެދު އަމަލުކުރަންޖެހެނީ ދިވެހި މުވައްޒަފުންނާމެދު އަމަލުކުރާ އުސޫލުންނެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިހާރު ވަނީ ހުށަހެޅިފައިވާ ޝަކުވާތައް ބަލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ.

