ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ގުޅިގެން ރޯދަ މަހުގެ އެކިދުވަސްމަތިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި "އަވަށްޓެރި ރޯދަ ވީއްލުން" ގެ ނަމުގައި ރޯދަ ވީއްލުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ.
މި ސިލްސިލާގެ ފުރަތަމަ ރޯދަ ވީއްލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ "ރަނައުރާ މަގު" ގައެވެ. "އަވަށްޓެރި ރޯދަ ވީއްލުން" ރޭވިފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށެވެ.

އަވަށްޓެރި ރޯދަ ވީއްލުމެއްގެ ތެރެއިން
އެޗްޑީސީގެ ހެޑް އޮފް މާކެޓިންގް އެންޑް ޕީއާރު ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވީ، "ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެއްބާރުލުން ދޭ ބައެއް" ކަމަށެވެ. އަދި މިފަހަރުވެސް މި ހަރަކާތް ކުރިއަށްދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީން ބުނީ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.

