މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށްފަހު، އައު ސްޓޭޖެއް ތަރައްޤީކުރުމުގެ މަސައްކަތް ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 2025 ވަނަ އަހަރުގެ މާރިޗް 14 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް، ބަންދު ދުވަސްތައް ހިމަނައިގެން ޖުމުލަ 140 ދުވަހުގެ މުއްދަތެކެވެ.
ކާނިވާ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާފައެވެ. މި ނިންމުމާ ގުޅިގެން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ސްޓޭޖު އައުކުރުމުގެ މަސައްކަތެވެ.
އަލިމަސް ކާނިވާ ސަރަހައްދަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުވި ތަނެކެވެ. މި ސަރަހައްދަކީ މާލޭގެ އާންމު ރައްޔިތުންނަށް މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމަށް ޚާއްޞަކުރެވިފައިވާ މުހިންމު ސަރަހައްދެކެވެ.

